22 ޖޫން 2025
"މޫދު ފެސްޓް"ގެ ޙަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި - ދުނިޔޭގެ ކަނޑުތަކުގެ ދުވަސް 2025
ޙަބަރު
"މޫދު ފެސްޓް" ކާމިޔާބު ކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ " މޫދު ފެސްޓް" ޙަރަކާތް ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ. މި ޙަރަކާތް މިއަދު މެންދުރުފަހު 13:00 އިން ހަވީރު 18:00 އަށް ހުޅުމާލެ ބީޗް ސަރަޙައްދުގައި ކުރިއަށް ގެންދެވުނެއެވެ.
" މޫދު ފެސްޓް" ޙަރަކާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ދިވެހިރާއްޖެއަށް ޗައިނާ ސަރުކާރުން ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަނާ އަދި މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިދުވަސް ފާހަގަ ކުރުމަށް " މޫދު ފެސްޓް " ގެ އެންމެ މުހިންމު ޙަރަކާތެއްގެ ގޮތުން "ޑިސްކަވާ ޑައިވް" ނަމުގައި ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށް ގެންދެވުނެވެ. މިހަރާކާތުގައި 40 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.
މި ޙަރަކާތަކީ ޙާއްސަކޮށް ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތު ދިނުމެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކޮށް އަގުވަޒަން ކުރުމަށް ބާރުއެޅުމެވެ.
" މޫދު ފެސްޓު" ޙަރަކާތް ހުޅުވާދެއްވުމުގެ ގޮތުން ވަޒީރު އަހުމަދު ޝިޔާމް ހާޒިރީންނާ މުޚާޠަބު ކުރައްވަމުން ވިދާޅުވީ، ދިވެހިންގެ ދިރިއުޅުން ބިނާވެފައިވަނީ ކަނޑާއި އޭގެ ވަސީލަތްތަކުގެ މައްޗަށެވެ. އެހެންކަމުން، ކަނޑުގެ މާޙައުލު ދެނެގަތުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދިރުންތަކުގެ ބޭނުން ހިފާނެ ގޮތްތައް އުނގެނުމަކީ ނުހަނު މުހިންމު ކަމެކެވެ. އަދި ދިވެރިރާއްޖޭގެ ޢާއިލާތަކުގެ އާމްދަނީ ދެމެހެއްޓުމަށްޓަކައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
"މޫދު ފެސްޓް" ގެ ނަމުގައި ބޭއްވުނު މި ޙަރަކާތުގައި، ކަނޑުގެ މުހިންމުކަމާއި އޭގެ ދިރުންތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ގިނަ ޢަދަދެއްގެ ސްޓޯލްތަކެއް ވަނީ ބެހެއްޓިފައެވެ. މި ފެސްޓިވަލްގައި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި، އަދި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބައިވެރިވެ ވަޑައިންނެވިއެވެ.
މި ޙަރަކާތުގެ ކުޑަކުދިންނާއި ޢާއިލާތަކަށް ކަނޑުތައް ޙިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދެވުނެވެ. މީގެ އިތުރުން، މެރިން ސައިންސާއި މަސްވެރިކަމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދިއުމަށް ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ސްޓޯލްތަކުގައި އެކި ބާވަތުގެ ޙަރަކާތްތައް ކުރިއަށް ގެންދެވުނެވެ.
ހަމައެއާއެކު، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި 'އޯޝަން ކުއިޒް' މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުތައް ހަވާލުކުރެވުނެވެ.