01 ނޮވެމްބަރ 2025

ނޫސްބަޔާން:- ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުން

ނޫސް ބަޔާން

ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމާބެހޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ދިވެހިރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް މިހާރު ވަނީ އާންމުކޮށް ހުޅުވާލައި، ކަމާ ބެހޭ މެނޭޖްމަންޓް ޕްލޭން އަދި އެ ޕްލޭން ތަންފީޛުކުރުމަށް އެކުލަވައިފައިވާ ގަވާއިދު ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ. ޤާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ މި މެނޭޖްމަންޓް ޕްލޭން އަދި ގަވާއިދުގެ އެންމެ ބޮޑު މަގުސަދަކީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި، ހިންގުމުގެ ނިޒާމެއް ޤާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ކަށިމިޔަރުގެ މަސްވެރިކަން ބެލެހެއްޓުމެވެ.

ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވައިލައިފައިވަނީ ކަށިމިޔަރުގެ މަސްވެރިކަމާއި އެ މަސްވެރިކަމާ ގުޅުންހުރި ވަސީލަތްތަކާ ގުޅޭގޮތުން މިވަގުތު ލިބެން ހުރި މަޢުލޫމާތަށް ބިނާކޮށެވެ. މިގޮތުން، ފާއިތުވީ ތަނުގައި ދިވެހިރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރި އިރު ލިބިފައި ހުރި ތަޖުރިބާއަށާއި ކަމާގުޅޭގޮތުން ޝާއިޢުކޮށްފައިވާ ދިރާސާތަކަށް ރިޢާޔަތްކުރުމުގެ އިތުރުން މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަން ކޮށްފައިވާ ބައެއް ރަށް ރަށުގެ މަސްވެރިންނާއި، ކަމާ ގުޅޭ އިދާރާތަކާއި، ބައެއް ޖަމުޢިއްޔާތަކާއި ކަމާ ބެހޭ މާހިރުންނާ މިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާނެއެވެ. އަދި ދިވެހިރާއްޖޭގައި ކުރެވޭ ކަށިމިޔަރުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ، އޭގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ލިބޭ، އޭގެ ސަބަބުން މިޔަރު ފަދަ އެންމެހައި ރައްޔިތުންގެ ހިއްސާ އޮންނަ އާންމު މުދަލުން ނަފާ ހޯދަމުންދާ އެހެނިހެން ފަރާތްތަކަށް ލިބޭ މަންފާ މަދު ނުވާނެ ފަދަ ގޮތަކަށް ރޭވިގެން، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން މާއްދާތަކެއް ގަވާއިދުގައި ހިމަނައިފައިވާނެއެވެ.

 

މިގޮތުން މި މަސްވެރިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ލައިސަންސްކުރުމުގެ އިތުރުން، އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ޙަރަކާތްތައް ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސަލް ލޮކޭޓިންގ ޑިވައިސް އެއް ހަރުކުރަންޖެހޭނެ ކަމަށް ކަނޑައަޅައިފައިވާނެއެވެ. މަސްވެރިކަމުގެ ލައިސަންސް އެންމެ ގިނައިން ދޫކުރެވޭނީ 40 (ސާޅީސް) އުޅަނދަށްކަމަށާއި މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަޙައްދުތަކުގައި ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވާނެއެވެ. އަދި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އެހެން ގޮތަކަށް އަންގަންދެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ މީލާދީ އަހަރެއްގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ އިތުރުން، ފަރުތަކާއި ފަޅުތެރޭގައި އާންމުކޮށް އުޅޭ މިޔަރާއި ފަރުގެ އުފެއްދުންތެރިކަމުގައި މުޙިއްމު ދައުރެއް އަދާ ކުރާ އެހެނިހެން ބާވަތްތައް މި މަސްވެރިކަމުގައި ހިފޭ މިންވަރު މަދުކުރުމަށްޓަކައި، އަދި މި މަސްވެރިކަމުގެ ސަބަބުން އެބާވަތްތަކަށް ލިބިދާނެ ގެއްލުން ވީހާވެސް ކުޑަކުރުމަށްޓަކައި ވެސް ފިޔަވަޅުތައް ވެސް ގަވާއިދުގައި ކަނޑައަޅައިފައިވާނެއެވެ.

ނޫސްބަޔާން :- ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުން

323.16 KB