15 އޯގަސްޓް 2024

ނޫސް ބަޔާން:- ލޭނު މަސްވެރިކަން ކުރުމުގެ ޤަވާއިދާމެގު ހިޔާލު ހޯދުމާބެހޭ

ނޫސް ބަޔާން

ލޭނު މަސްވެރިކަން ކުރުމުގެ ޤަވާއިދާމެގު ޙިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޯގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ.

ދިވެހިރާއްޖެއިން ބާނާ ކަނޑުމަހުގެ ބާވަތްތަކަކީ ދުރު ރާސްތާއަށް ހިޖުރަ ކުރާ، އަދި މުޅި އިންޑިއާ ކަނޑަށް ފެތުރިފައިވާ، އެއް އާބާދީއަކުން ގިނަ ގައުމުތަކަކުން މަސްވެރިކަން ކުރާ ބާވަތްތަކެކެވެ. އެހެންކަމުން މިބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަން ރާވައި، ހިންގައި، ބަލަހައްޓަނީ އިންޑިއާ ކަނޑުގެ ކަނޑުމަސްވެރިކަން ބަލަހައްޓާ ސަރަޙައްދީ ޖަމުޢިއްޔާ ކަމުގައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އިންނެވެ. އެ ކޮމިޝަނުން ނިންމާ ނިންމުންތައް ދިވެހިރާއްޖެ ހިމެނޭ ގޮތަށް ކޮމިޝަންގެ އެންމެހައި މެންބަރު ޤައުމުތަކުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ލާޒިމްވެއެވެ.

އިންޑިއާ ކަނޑުގެ ލޯބޮޑު ކަންނެލި އަދި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، މި ސްޓޮކުން ކޮންމެ ޤައުމަކަށް ވެސް ބޭނޭނެ އެންމެ މަތީ މިންވަރެއް ވަނީ އައި.އޯ.ޓީ.ސީގެ ޤަރާރަކުން ފާސްކޮށްފައެވެ. މިގޮތުން ލޯބޮޑު ކަންނެލި ބޭނޭނެ އެންމެ މަތީ މިންވަރު ނުވަތަ ކޯޓާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އުޅަނދުފަހަރުތަކުން ބޭނުމަށް ލިބިފައިވަނީ އަހަރަކަށް 2000 (ދެހާސް) ޓަނެވެ. އަދި ރީނދޫއުރަހަ ކަންނެލި ބޭނޭނެ މިންވަރު ނުވަތަ ކޯޓާއެއްގެ ގޮތުގައި ލިބިފައިވަނީ އަހަރަކަށް 47000 (ސާޅީސް ހަތްހާސް) ޓަނެވެ. އެހެން ނަމަވެސް، ވޭތުވެ ދިޔަ ދެއަހަރު ވެސް ދިވެހިރާއްޖޭގެ އުޅަނދުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވަނީ ގާތްގަނޑަކަށް 30000 (ތިރީސްހާސް) ޓަނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މުސްތަޤުބަލުގައި ކޯޓާ މުޠާލިޢާ ކުރާއިރު، ޤައުމުތަކުން މަސްބާނާ މިންވަރަށް ބަލައި، ދިވެހިރާއްޖެއަށް މިހާރު ލިބިފައިވާ ކޯޓާ ކުޑަވުމަކީ އެކަށީގެންވާ ކަމަކަށް ވާތީ، ރާއްޖެއަށް ލިބިފައިވާ ކޯޓާ އެންމެ ފުރިހަމައަށް ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމުގައި މިނިސްޓްރީން ދެކެމެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤްސަދުގައި ލޭނުމަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖްލީހުން ނިންމުމާ ގުޅިގެން، ލޭނުމަސްވެރިކަން ކުރުމާބެހޭ ގަވާއިދެއް މިވުޒާރާއިން ވަނީ އެކުލަވައިލައި، މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ. އަދި މި ގަވާއިދަށް 18 އޮގަސްޓު 2024 ގެ ކުރިން ޚިޔާލު ފާޅުކޮށް، ކޮމެންޓުކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވައިލާއިރު ފާއިތުވީ ތަނުގައި ދިވެހިރާއްޖޭގައި ލޭނު މަސްވެރިކަން ކުރިއިރު ލިބިފައި ހުރި ތަޖުރިބާއަށް ބަލައި، މި މަސްވެރިކަމަކީ ދިވެހީންނަށް ފައިދާހުރި އަދި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތައް ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން ހާއްސަ މާއްދާތަކެއް މި ގަވާއިދުގައި ހިމަނާފައި ވާނެއެވެ. މިގޮތުން އުޅަނދުގެ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އުޅަނދުގައި ކޮންމެހެން ހުންނަންޖެހޭނެ ހަމަތަކެއް ކަނޑައަޅާ ބަޔާންކުރެވިފައިވާނެއެވެ. އަދި އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނީޓަރކޮށް ބެލެއްޓުމުގެ ގޮތުން އުޅަނދުގައި ވެސެލް ލޮކޭޓިން ޑިވައިސްއެއް އަދި އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމްއެއް ހަރުކުރުމުގެ އިތުރުން ކޮންމެ މަސްދަތުރަކަށް ފުރުމުގެ ކުރިން ޑިޕާޗަރ ކްލިއަރެންސް ހުއްދައެއް ހޯދުމަށް ލާޒިމް ކުރެވިފައިވާނެއެވެ. މީގެ އިތުރުން ލޭނު މަސްވެރިން ކުރުމަށް ހުއްދަ ސަރަޙައްދެއް ކަމަށް ކަނޑައަޅާފައިވަނީ މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތާއި ތަފާސް ހިސާބުތަކަށް ރިޢާޔަތްކޮށް، ކަންނެލީގެ އަތު ނަނުގެ މަސްވެރިން ޢާއްމުކޮށް ހަރަކާތްތެރިވާ ސަރަޙައްދުން ބޭރުގެ ސަރަޙައްދެކެވެ. މިއީ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 (ސަތޭކަ) މޭލު ބޭރުގެ ސަރަޙައްދުގެ ތެރެއިން 6 ޑިގުރީ އުތުރު ޠޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމާއި އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް އެކަމުން ލިބޭ ނަފާ އިތުރުކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިގޮތުން ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އަދި މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް (ބައިކެޗް) ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްތަކާއި ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް، މިޔަރުގެ ބާވަތްތައް ޕްރޮސެސްކުރުމުގެ ހުއްދަ އޮތް ފެސިލިޓީތަކުން ޕްރޮސެސްކުރުމުގެ ފުރުޞަތު މި ގަވާއިދުގެ ދަށުން ފަހިވެގެން ދާނެއެވެ. އެހެންނަމަވެސް މިއީ ދިވެހިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމަށް ހުޅުވާލުން ނޫންކަމަށާއި އަދި ހުޅުވާލުމުގެ ވިސްނުމުގައި ގައި އަޅާ ފިޔަވަޅެއްވެސް ނޫންކަން ފާހަގަކުރަމެވެ.

މިގޮތުން، ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މިގަވާއިދުގެ ދަށުން މަނާކަމެކެވެ. އަދި މިގަވާއިދު ފަރުމާކުރުމުގައި ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ މަސްވެރިކަމުގައި ހިފޭ ބައިކެޗް މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ހިމެނިފައިވާނެއެވެ. މިގޮތުން ބައިކެޗްގެ ގޮތުގައި ހިފޭ މިޔަރު މަދުކުރުމުގެ ގޮތުން އުޅަނދުގައި ބޭނުންކުރާ ލޭނުކޮޅު (ބްރާންޗް ލައިން) ގެ މިޔަވާލި (ލީޑަރ) ގެ ގޮތުގައި ވަޔަރު ނުވަތަ ނަރު (ވަޔަރ ޓްރޭސް) ބޭނުންކޮށްގެން ނުވާނެކަމަށް ގަވާއިދުގައި ބަޔާންކުރެވިފައިވާނެއެވެ. ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންވާނެކަމަށާއި، މިގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލާތް (ޑީ-ހުކަރ) އަދި ލޭނުކޮޅު ބުރި ކުރާ އާލާތް (ލައިންކަޓަރ) ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަން އިރުޝާދު ދީފައިވާނެއެވެ. އަދި މިއާލާތްތައް ހުރިހާ ވަގުތެއްގައިވެސް އުޅަނދުގައި ހުންނަންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. މީގެއިތުރުން، ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކިނުކޮށް ކަމުގައިވެސް މިގަވާއިދުގައި ބަޔާންކުރެވިފައިވާނެއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ލޭނު މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއެވެ.

މީގެ އިތުރުން، ލޭނު މަސްވެރިކަމުގައި ހިފޭ ބައިކެޗްގެ އިސްރާފު ކުޑަކުރުމުގެ ގޮތުން، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާ، އެފް.އޭ.އޯ އިން ޝާއިޢުކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓް ފޯ ރެސްޕޮންސިބަލް ފިޝަރީޒް، އަދި މިނޫންވެސް ދެމެހެއްޓެނިވިކޮށް މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަށް ލަފާދޭ އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިރުޝާދުތަކަށް ބިނާކޮށް، ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު އެއްގަމަށް ގެނެސް، މިޔަރު ޕްރޮސެސްކުރުމަށް ޚާއްސަ ލައިސަންސެއް ދޫކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާނެއެވެ. އަދި މި ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ، ޕްރޮސެސްކުރުމަށް މިގަވާއިދުގެ ދަށުން ވާނީ ހުއްދަކޮށްފައެވެ. މި ޕްރޮސެސިންސް ފެސިލިޓީތައް ހިންގުމުގައި، މި ވުޒާރާއިން ލައިސަންސްކުރާ އެހެން މަސް ޕްރޮސެސްކުރާ ފެސިލިޓީތަކެކޭ އެއްފަދައިން ކިރާ މިޔަރުގެ މައުލޫމާތު ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން ފޮނުވާ، މަސް ޕްރޮސެސްކުރުމުގެ ލައިސަންސްގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ.

ނޫސް ބަޔާން - ދިވެހި ބަހުން

208.90 KB

ނޫސް ބަޔާން - އިގެރޭސި ބަހުން

1.87 MB