20 އޮކްޓޯބަރ 2025
ލ.މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓު ގާއިމް ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއި ކުރައްވައިފި
ޚަބަރު - ނިންމުން
ލ.މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓު ގާއިމް ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއި ކުރައްވައިފި

ލ. މާވަށުގައި 10 ޓަނުގެ އައިސް ޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކުރައްވައިފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ލ. މާވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް ޔުނިޓުގެ މެނޭޖަރ މުޙައްމަދު ޝަމީމެވެ.
މާވަށުގައި ޤާއިމްކުރެވޭ 10 ޓަނުގެ އައިސްޕްލާންޓުގެ މަސައްކަތް ނިމުމުން، އެ ސަރަޙައްދުގެ އަދި މާވަށުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް އެ ސަރަޙައްދުގައި ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކަށްވެސް މިކަމުގެ މަންފާ ކުރާނެއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އައިސްޕްލާންޓުތައް ޤާއިމުކުރުމަކީ މަސްވެރިކަން ކުރާ ފަރާތްތަކަށް އެތައް ގޮތަކުން ލުއިފަސޭހަކަމާއި ފަސޭހަތައް ފޯރުކޮށްދޭނެ މުހިއްމު މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް ސަރުކާރުން ވަނީ އަމާޒުކޮށްފައެވެ.