24 ނޮވެމްބަރ 2025

” ޓްރާންސް ފޯމް “ ޕްރޮޖެކްޓުގެ ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވުނު ޒުވާނުންނާ ވަޒީރު ބައްދަލުކުރައްވައިފި

ޚަބަރު - ނިންމުން

މިނިސްޓްރީއާއި ވޯލްޑް ބޭންކުގެ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ "ޔޫތު އިންޓަރންޝިޕް ޕްރޮގްރާމް" އަށް ހޮވުނު ޒުވާން މަސްވެރިންނާ ވަޒީރު އަޙްމަދު ޝިޔާމް ބައްދަލުކުރައްވައިފި

މިނިސްޓްރީއާއި ވޯލްޑް ބޭންކުގެ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ "ޔޫތު އިންޓަރންޝިޕް ޕްރޮގްރާމް" އަށް ހޮވުނު ޒުވާން މަސްވެރިންނާ ވަޒީރު އަޙްމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، ސްކޮލަރޝިޕް ލިބުނު ބައިވެރިންނަށް ވަނީ ރަސްމީކޮށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން، ބައިވެރިން ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު ރ. ދުވާފަރުގައި 'ޖެނެރަލް ނެވިގޭޝަން ކޯސް' އެއް ފުރިހަމަކޮށްފައެވެ.

މިހާރު މި އިންޓަރންޝިޕް ކުރިއަށްދާނީ، ރާއްޖޭގައި އެންމެ ގިނައިން މަސް ބާނާ ބައެއް ދޯނިފަހަރުގައެވެ. އެގޮތުން، ތަޖުރިބާކާރު މަސްވެރިންނާއި ދޯނީގެ ފަޅުވެރިންނާއެކު 3 މަސްދުވަހުގެ މުއްދަތަށް އަމަލީ ތަމްރީނު ހާސިލުކުރާނެއެވެ .

މަސްވެރިކަމުގެ ދާއިރާގެ މުސްތަޤްބަލް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިވެހި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ވަޒީރު ޝިޔާމް އަލިއަޅުވާލެއްވިއެވެ. ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރި މަސްވެރިންގެ އަންނަން އޮތް ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެއް ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.